Mars retrograde aai hulhangun iru erun: kamuge hageegaiy

The following goes out to the elderly and all those who aren't versed in English, to all those who are disadvantaged by the sorry state of science in Dhivehi and to all those who were misinformed and deceived. Hope this helps.

(Download the article as a PDF formatted for print)

މާސް ރެޓްރޮގްރޭޑް އާއި ހުޅަނގުން އިރުއެރުން: ކަމުގެ ހަޤީޤަތް


މިލިޔުމުގައި މިބަލާލަނީ ރާއްޖޭގައި ދާދި ފަހުން ފެތުރިގެންދިޔަ "މިއުރީޚަށް ހުޅަނގުން އިރު އަރައިފި" މިސުރުޚީގެ ދަށުން ދުނިޔެއާއި ކައިރިގައި އޮންނަ ޕްލެނެޓެއް ކަމަށްވާ މާސްގެ ދައުރުވުމަށް ބަދަލެއް އައިސް އެޕްލެނެޓްގައި ދެކުނުން އިރުއަރައިފިކަމަށް ބުނެލިޔެފައިވާ ލިޔުމަށެވެ. އެލިޔުމަކީ އޭގައި އެއްވެސް ކަހަލަ ހަޤީޤަތެއް އެކުލެވިގެންވާ އެއްޗެއްނޫންކަމަށްވާއިރު، އީމެއިލުންނާއި ހަވީރު ނޫހުގައިވާ ނޯޓިސްއަކާއި އަދި އަދާލަތު ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް މިބުނި ލިޔުންވަނީ ފެތުރި ގިނަބަޔަކަށް ކަމުގެ (ސައިންޓިފިކް) ހަޤީޤަތް އޮޅިފައެވެ. ވީމާ މާސްއާއި ބެހޭގޮތުން ފަތުރާފައިވާ ވާހަކަތަކަށް ބަލާލާ، ކަމުގެ ހަޤީޤަތް ހާމަކޮށްދެވޭތޯ ބަލާލަން ޤަސްދުކުރަމެވެ.

"މިއްރީޚަށް ހުނޅަގުން އިރުއަރައިފި" މިލިޔުމުގައި ސައެންސްކަމަށް ބުނެފައި ހުރި ހުރިހާ ވާހަކަތަކަކީ މުޅީންހެން ދޮގެވެ. އަދި ރެޓްރޮގްރޭޑްއަކީ ކޮބާކަން ވަނީ މުޅީންހެން އޮޅުވާލާފައެވެ. ނުޖޫމީއިލްމުގައި ރެޓްރޮގްރޭޑްއޭ ކިޔާއުޅެނީ ތަރިއެއް އެތަރިއެއް ބައިވެރިވާ ނިޒާމުގައިވާ އެހެން ތަރިތަކާ އިދިކޮޅަށް ނުއަތަށް ދަތުރުކުރުމަށެވެ. ނަމަވެސް އެލިޔުމުގައި ހަޤީޤަތުގައި އެދައްކަނީ ތަފާތުވައްތަރެއްގެ ރެޓްރޮގްރޭޑްއެއްގެ ވާހަކައެވެ. ދުނިޔޭން ފެށިގެން އިރާ ދުރަށް ހުންނަ ހުރިހާ ތަރިތަކަށްވެސް ދުނިޔޭން ބަލާއިރު "އެޕަރެންޓް ރެޓްރޮގްރޭޓް"އޭކިޔާ ހަރަކާތެއް އަންނާނެއެވެ. "އެޕަރެންޓް ރެޓްރޮގްރޭޑް"އަކީ ކުރިންމިދެންނެވި "ރެޓްރޮގްރޭޑް"އާއި ޚިލާފަށް ފެންނަފެނުމުގައި ތަރިއެއް އިދިކޮޅަށް ނުއަތަށް ދަތުރުކުރުމެވެ. މިހަރަކާތަކީ އެއްވެސް ހާލެއްގައި އެއިން ޕްލެނެޓެއްގެ ހަޤީޤީ ދައުރުވުމަށް އަންނަ ބަދަލެއްނޫނެވެ ނަމަވެސް ދުނިޔޭގެ ނަޒަރުން ބަލާއިރު ފެންނަ އޮޕްޓިކަލް އިލޫޝަން (ލޮލުގެ އޮޅުވާލުން) އެކެވެ. އެއީ ދުނިޔެއިން ބަލާއިރު އަހަރުމެންގެ ފެނުމަށް ހީވާގޮތް ކަމުގައިވިޔަސް ހަޤީޤަތުގައި ކޮންމެ ޕްލެނެޓެއްވެސް އެއެއްޗެއްގެ ދައުރުކުރާ އެލިޕްޓިކް (ކުކުޅުބިސް ފަދަ ބައްޓަމެއް ހުންނަ) ބުރުގައި ބަދަލެއްނައިސް ދަތުރު ކުރަމުން ގެންދެއެވެ. އަދި ކިއެއްތޯއެވެ؟ ރެޓްރޮގްރޭޓް ހަރަކާތް އަންނަމުންދާތާ އެތައް މިލިޔަން އަހަރެއްވެއްޖެއެވެ. މިކަމަކީ ކުރީޒަމާނުގެ ގުރީކުންނާއި މާޔަން ނުޖޫމީއިލްމުވެރިންނަށްވެސް އެގި ސުވާލުކޮށްފައިވާކަމެކެވެ. މިހަރަކާތަށް 16 ޤަރުނުގައި ނިކްލައުސް ކޮޕަނިކަސް އަދި ފަހުން 17 ވަނަ ގަރުނުގައި ޖޮހަނަސް ކެޕްލަރގެ ހޯދުންތަކުން ފުރިހަމަ ޖަވާބެއް ލިބިގެން ދިޔައެވެ. މާސްގެ ރެޓްރޮގޭޓްއަކީ މިހާރުގެ ސައެންޓިސްޓުންނަށް އާކަމެއްނޫނެވެ.

މިފަދަ ލިޔުމެއްގައި ލިޔެވޭނޭ އެއްޗަކުން ފަސޭހައިން ދޭހަވެ ސިފަކުރެވޭނެ ގޮތަކަށް މިކަން ކިޔައިދިނުމަކީ އުނދަގޫ ކަމެކެވެ. މިލިޔުމުގެ ފަހަތުގައި ހިމަނާލާފައިވާ އެވަނީ ދުނިޔެއާއި މާސް، އިރު ވަށައިގެން ދަތުރުކުރުމުގައި އަހަރެމެންނަށް އުޑުމަތިން މާސްގެ ހަރަކާތަށާއި ދުވެއްޔަށް ބަދަލު އަންނަގޮތް ދައްކައިދޭ މަންޒަރު ތަކެކެވެ. ކޮންމެ މަންޒަރަކުން މާސް އާއި ދުނިޔެއާއި ދެމެދުގައިވާ ދުރުމިނަށް އަންނަ ބަދަލަށް ސަމާލުވެ ތިއްބަވާށެވެ. ނަމަވެސް މިކަން އެންމެ ފުރިހަމައަށް ދޭހަވާނީ ކޮމްޕިއުޓަރ ސިމިއުލޭޝަންއެއް މެދުވެރިކޮށެވެ. ވީމާ ޔުނިވާރސިޓީ އޮފް އިލިނޯއިގެ އެސްޓްރޮނޮމީ ޑިޕާޓްމަންޓުން ރެޓްރޮގްރޭޑް ހަރަކާތް ދެއްކުމަށް އިންޓަނެޓުގައި ތައްޔާރު ކޮށްފައިވާ ސަފްހާ (http://www.astro.uiuc.edu/projects/data/Retrograde) އަށް ގޮސް އެސަފްހާގެ މެދުގައިވާ "Run" ފިތަށް އޮބާލާ ވާތްފަރާތުން ދައްކާ ދުނިޔޭގެ ހަރަކާތާއި ކަނާތްފަރާތުން ދައްކާ ދުނިޔެއިން މާސް ފެންނަ ގޮތަށް ރަގަޅަށް ބައްލަވާލާށެވެ.

މިދެންނެވި ލިޔުމުގައި ބުނެފައިވާ ތާރީޚުތަކަކީވެސް ނުބައި ތާރީޚުތަކެކެވެ. މާސް ރެޓްރޯގްރޭޑްއަކީ ކޮންމެ 26 މަހަކުން ހިނގާކަމެކެވެ. 2003 ވަނަ އަހަރު މާސް ރެޓްރޮގްރޭޑްގައި 30 ޖުލައިގައި ފުރަތަމަ ހުއްޓުން އައިސް ނުއަތަށް ދަތުރުކުރުމަށްފަހު 29 ސެޕްޓެމްބަރގައި ދެވަނަ ހުއްޓުން އައިސް އާދައިގެ މަތިންދަތުރު ކުރާންފެށިއެވެ. އަދި 2005 ވަނަ އަހަރުގެ މާސް ރެޓްރޮގްރޭޑްގައި 1 އޮކްޓޯބަރުގައި ފުރަތަމަ ހުއްޓުން އައިސް ނުއަތަށް ދަތުރުކުރުމަށްފަހު 10 ޑިސެމްބަރުގައި ދެވަނަ ހުއްޓުމަށް ފަހު އާދައިގެ މަތިންދަތުރު ކުރާންފެށިއެވެ. އެންމެ ފަހުގެ ރެޓްރޮގްރޭޓް ފެށީ 15 ނޮވެމްބަރ 2007 ގައެވެ. މިދުވަސްކޮޅަކީ މާސް ފަހަތަށް ދަތުރުކުރަމުންދާކަމަށް ފެންނަ ދުވަސްކޮޅެވެ. މާސް އޭގެ އަސްލު ދައުރުގައި ފެންނާނީ މި ޖެނުއަރީ 30 ހުން ފެށިގެންނެވެ.

އަދި އެލިޔުމުގައި ބުނެފައިވާ ގޮތާ ޚިލާފަށް، (ވީނަސް ފިޔަވާ) މިސޯލާ ސިސްޓަމުގައިވާ ހުރިހާ ޕްލެނެޓެއްގައިވެސް އިރުއަރަމުންދަނީ އިރުމަތީ ފަރާތުންނެވެ. މިކަމަށް ބަދަލެއް އައިސްދާނެ ކަމަކަށް ސައިންސްގެ އެއްވެސް ހޯދުމަކުން ނުދައްކައެވެ. ދުނިޔޭގައި ހުޅަގުން އިރުއަރާނެ ގޮތެއްކަމަށް ހަމަ އެކަނިވާނީ ދުނިޔެ މިހާރުއެނބުރޭ ކޮޅުގެ ނުއަތަށް އެނބުރުމެވެ. ނަމަވެސް ދުނިޔެ އެބުރުމުގެ ސަބަބުންވާ "އެންގިއުލަރ މޮމެންޓަމް"ގެ ސަބަބުން ދުނިޔެ މިހާރުމިއެބުރޭކޮޅަށް މިލިޔަނަށްވުރެ ގިނަ އަހަރުތަކެއް ވަންދެން ބަދަލުނުވެ އެނބުރެމުންދާނެކަމަށް ހޯދުންތަކުން ދައްކައެވެ. އެއަށް ބަދަލެއް އައިސްދާނެ ހަމައެކަނި ގޮތަކީ ވަރަށް ބޮޑު ގިނިހިލައެއް ދުނިޔޭގައި ވަކިގޮތަކަށް ވަކިބާރުމިނެއްގައި ޖެހުމެވެ. ނަމަވެސް މިފަދަ އެއްޗެއް މީންދުވަހަކު ޖެހޭނޭ ކަމުގެ ނިޝާނެއް ނެތެވެ. އަދި ދައުރުބަދަލު ކުރާވަރުގެ އެއްޗެއް ޖެހިއްޖެނަމަ ދުނިޔޭގައިވާ ހުރިހާ ދިރޭއެއްޗެއް މަރުވުމަކީ ޔަގީނާގާތްކަމެކެވެ. އިރުވަށައިގެން ދުނިޔެ ދަތުރު ކުރާދިމާ ނުއަތަށް ބަދަލުވިޔަސް އިރުއަރާނީ ހަމައިރުމަތިންނެވެ. ކައުނުގައިވާ ހުރިހާ އެއްޗެއް ތަބާވާ ޤާނޫނުތަކުގެ ސަބަބުން އެފަދަކަމެއް ވުމާ ވަރަށް ވަރަށްވެސް ދުރުކަން ސައިންސުން ދައްކައެވެ. އިރު ނުވަތަ ދުނިޔެ ހިނގާގޮތް ކޮންމެ ގޮތަކަށް ބަދަލުވިޔަސް އެލިޔުމުގައި ޝަރުއީ އިލްމުވެރިންނާ ހަވާލާދީ ބުނެފައިވާ ގޮތަށް އެންމެ ދުވަހަކަށް ހުޅަގުން އިރު އަރާ އޭގެ ފަހުން އާދައިގެ މަތިން އިރު އެރުމަކީ ނުވާނޭ ކަމެކޭ ސައިންސްގެ އަލީގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ވީމާ ސައިންސްއަށް ނިސްބަތްކޮށް އިސާހިތަކު ދުނިޔޭއަށް ހުޅަނގުން އިރުއަރާނެކަމަށް ދައްކާކަމަށް ބުމުނީ ކަނޑައެޅި ދޮގެކެވެ. މާސްގެ ރެޓްރޮގްރޭޑްއާއި އިރުއެރުމާއި ބެހޭގޮތުން މުހިންމު މައުލޫމާތު ކޮޅެއް ދެވިއްޖެ ކަމަށް އުންމީދުކުރަމެވެ.


އިރުވަށައިގެން ދުނިޔެއާއި މާސް ދަތުރުކުރާއިރު އުޑުމަތިން މާސް ފެންނަގޮތަށް އަންނަ ބަދަލު